
ފިޔޯރީ ސްކޫލްގެ 11 ކުލާސްރޫމް އޭސީކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވިއްޖެ
ގދ. ފިޔޯރީ ސްކޫލްގެ 11 ކުލާސްރޫމް އޭސީކުރުމަށް ބޭނުންވާ އޭސީތައް ގަތުމަށް ފިޔޯރީ ކައުންސިލާއި ރެފްކޫލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 16 ޖެނުއަރީ 2025 ގައި އެއްބަސްވުމުގައި ސޮއިކުރެވިއްޖެއެވެ.މި އެއްބަސްވުމުގައި ފިޔޯރީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ފައިޒަރު ރަޝީދު އެވެ.
މި މަޝްރޫޢަކީ ކައުންސިލްގެ އާމްދަނީން ޚަރަދުކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 18000 ބީޓީޔޫގެ 22 އޭސީ ގަތުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބިޑް ކާމިޔާބުކުރީ ރެފްކޫލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
މި އެއްބަސްވުމުގެ ދަށުން 22 އޭސީ ގަތުމަށް ޚަރަދުވާނެ އަގަކީ 223,355.17 ރުފިޔާ (ދެލައްކަ ތޭވީސްހާސް ތިންސަތޭކަ ފަންސާސް ފަސް ރުފިޔާ ސަތާރަ ލާރި) އެވެ. އަދި އޭސީތައް ކައުންސިލްގެ އިދާރާއަށް ފޯރުކޮށްދޭން ޖެހޭނީ 12 ދުވަހުގެ ތެރޭގައެވެ.
މި އޭސީތަކަށް 12 މަސްދުވަހުގެ ވޮރަންޓީ ލިބޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ފިޔޯރީ ސްކޫލްގެ 11 ކުލާސްރޫމެއް އޭސީކުރެވި، ދަރިވަރުންނަށް ފިނިމައިތިރި މާޙައުލެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި މަޝްރޫޢަކީ ރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަމަށް ފާހަގަކޮށްލަމެެވެ.
# ގުޅުންހުރި ޚަބަރުތައް
ގުޅުންހުރި ޚަބަރެއް ނެތް